އުމުރުން އެންމެ ދިހަ އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީ ހަދައި އޭ ސްޓާ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެ އެވެ.
މިކަމަށްޓަކައި މިއަދު މެންދުރުކުރީ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ ރަޔާން އަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި މިހާ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތައުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ރަޔާންގެ މަންމަ، އައިޝަތު ޔުމްނާއަށާއި ބައްޕަ މުހައްމަދު ރިޔާޒަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ކެމިސްޓްރީއާ މެދު ރަޔާން ޝައުގުވެރިވި ގޮތާގުޅޭ ގޮތުން ރައީސް މައުލޫމާތު އޮޅުންފިލުއްވި އެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯއާއި، ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސް ސުވާލުކުރެއްވުމުން ރަޔާން ބޮޑުވެގެން ވާން ބޭނުން ވަނީ ސައިންޓިސްޓަކަށް ކަމުގައި އޭނާ ރައީސްގެ އަރިހުގައި ދެންނެވި އެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ އާލާތްތައް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޔާންގެ ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް އޭނާއަށް ރައީސް ދެއްވި އެވެ. އަދި، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ރަޔާންގެ މަންމަ ޔުމްނާ ވިދާޅުވިގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓަ އެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލް އަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ހާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސާޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެންކަމުގައި ރަޔާންގެ މަންމަ ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.
ރަޔާންގެ ބައްޕަ ރިޔާޒް ދެއްކެވި ވާހަކައިގައި، ރައީސް ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވައި މި ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމުގައި ވިދާޅުވި އެވެ.