ޑެމީ ލޮވާޓޯ އާއި މެކްސް އެރިޗްގެ އެންގޭޖުމަންޓް ރޫޅާލިތާ ތިން ހަފްތާ ފަހުން، ޑެމީ ވަނީ ބެއްލާ ތޯންގެ ކުރީގެ ލޯބިވެރިޔާއާއެކު ފެންނަން ފަށައިފަ އެވެ.
މިކަމާ ގުޅޭގޮތުން ހޮލީވުޑް ލައިފްއާ ވާހަކަދައްކަމުން ބެއްލާ އާއި ގުޅުންހުރި ފަރާތަކުން ބުނެފައި ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރެޕާ މޮޑް ސަން (ޑެރިކް ރަޔާން ސްމިތް) އާއި ޑެމީ ލޮވާޓޯއާ ދެމެދު އޮތް ގުޅުމާއި މެދު ބެއްލާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. ސަބަބަކީ ޑެމީއަކީ ޑެރިކްގެ ރަހުމަތްތެރިއެއްކަން ބެއްލާއަށް ކުރިން ވެސް އެނގޭ ކަމަށާއި، އެހެންކަމުން އެ ދެމީހުން އެކުގައި ފެނުމުން ބެއްލާ ހައިރާންވެ އެގުޅުމާއި މެދު އޭނާގެ ހިތް ނުތަނަވަސް ވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ބެއްލާއާއި ގާތް މި ސިއްރު މީހާ ބުނެފައިވަނީ ބެއްލާގެ އާ ލޯބިވެރިޔާ ބެންޖަމިން މަސްކޯލޯ އާއެކު އޭނާ ވޭތުކުރަމުން ދަނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ބެއްލާއާއި ހުރިހާ ގޮތަކުން ގުުޅޭ ބައިވެރިއެއް ލިބުނީތީ އިންތިހާއަށް އޭނާ ހިތްހަމަޖެފައިވާ ކަމުގައި މިފަރާތުން ހާމަ ކުރި އެވެ.
ޑެރިކް އާއި ބެއްލާ އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު ވަކިވެފައިވަނީ 2019 ވަނަ އަހަރުގަ އެވެ. މި ނިމުން ޑެރިކް ސިފަކޮށްފައި ވަނީ އޭނާގެ ހަޔާތް ބަރުބާދުވެގެން ދިޔަ ކަމެއްގެ ގޮތުގަ އެވެ. އެ ގޮތުން އޭނާ މަސްތުވާތެކެތީގެ ފުން އަދަވަޅަކަށް ވެއްޓި އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކުރި ކަމުގައި ޑެރިކް ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ މަސްތުވާތަކެއްޗާ ދުރަށް ގޮސް އަލުން ދިރިއުޅުން އާރާސްތުކޮށްފަ އެވެ.
ދާދި ފަހުން ނޫސްތަކުގައި ޝާއިރުކުރި ފޮޓޯތަކަކާއި ގުޅިގެން ޑެމީގެ ވާހަކަ އަންނަނީ ސޯޝަލް މީޑިޔާގައި ވަރަށް ހޫނުކޮށް ދެކެވެމުންނެވެ. އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިޔާ އެރިޗް، ހޭދަކުރަމުންދަނީ ވަރަށް ހިތްދަތި ދުވަސްތަކެއްކަމަށް ބުނެ ޑެމީއަށް ޕްރޮޕޯޒްކުރި ބީޗުގައި އޭނާ ރޯން އިން މަންޒަރު ވަނީ މިދިޔަ ހަފްތާގައި ދައުރުކޮށްފަ އެވެ. މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި މެކްސްވަނީ އޭނާގެ އާ ލަވަ "އެފްރެއިޑް" އާންމުންނާ ހަމަޔަށް ދޫކޮށްލާފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ލަވަައިގެ ޅެމަށް ބަލާލާއިރު ލަވަ އިންސްޕަޔާވެފައި ވަނީ އޭނާ އާއި ޑެމީގެ ވަކިވުމުން ކަމަށް ބެލެވެ އެވެ.