ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރަން މިއަދު މަޖިލީހުގައި ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުލް އުގުބާތުގެ ގާނޫނުން އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރުސާރަ ކުރުމަކީ ކުށެއް ކަމަށެވެ.

އެ މާއްދާގައި މިހާރު ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ކުށެއް ކަމަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، ރާއްޖޭގެ މުޅި ދައުލަތް ބައްޓަންކުރަން ޖެހޭނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމީ ގާނޫނު އަސާސީގައި ބަޔާންވެފައިވާ އޮޅުވައިނުލެވޭނެ ހަގީގަތެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، ގާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް ގާނޫނެއް ނުހެދޭނެ ކަމަށް އެ ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ދީނަށް ކުޑައިމީސްވާގޮތަކާއި ދީނީ ޝިއާރުތަކާއި ދީނީ ތަސައްވަރުތަކަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުން ނޭރުން. އެ ބިލާއި މި ބިލުގެ މަގްސަދަކީ ވެސް އިސްލާމް ދީނުގައި މި ފަދަ ކަންކަމަށް ކަނޑައަޅާފައިވާ ރިވެތި އުސޫލުތައް ރާއްޖޭގައި ތަންފީޒު ކުރުން،" ހިސާން ވިދާޅުވި އެވެ.

މި ބިލު ސަރުކާރުން ހުށަހަޅާފައިވަނީ ނަފުރަތުގެ އަމަލުގެ ކުށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވަނިކޮށެވެ.