ޖިންސީ ގޯނާގެ އެތައް ތުހުމަތުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ކުރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

މިއަދު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް އޭނާ ރާއްޖެ އައިސްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް މި ޝަރީއަތުގެ އަޑުއެހުންތައް ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައި އޮތީ ސިއްރުކޮށްގެންނެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާއިރު، އޭނާ އިއްޔެ އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފައިވާކަމަށް ދަނީ ބުނަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ވިސާގެ މުއްދަތު ހަމަވުމުންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރިކަމެއް ނޭނގޭ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ބޭސް ފަރުވާއަށެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފަ އެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ބުނެފަ އެވެ.