ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕާކިންސްލޮޓް ހަމަޖެއްސުމަށް ހުށައަޅައިފި. ޕާކިން ސްލޮޓް ހަމަޖެއްސުމަށް ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ. ރާއީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅުއްވާ ތަންތަން ކައިރިން އެ ބޭފުޅުންނަށް ޚާއްސަ ޕާކިން ސްލޮޓް ހަމަޖެއްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ އަށް ހުށަހަޅާފައި.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕާކިންސްލޮޓް ހަމަޖެއްސުމަށް ހުށައަޅައިފިއެވެ.

ޕާކިން ސްލޮޓް ހަމަޖެއްސުމަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ އެވެ.

ރާއީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅުއްވާ ތަންތަން ކައިރިން އެ ބޭފުޅުންނަށް ޚާއްސަ ޕާކިން ސްލޮޓް ހަމަޖެއްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ އަށް ހުށަހަޅާފައެވެ. އަދި މި ހުށައެޅުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފު ވަނީ ތާއީދުކުރައްވާފަ އެވެ. އަދި މިހުށައެޅުމާ މެދު މަޝްވަރާ ކުރުމަށް ކޮމިޓީއަށް އެޖެންޑާކުރަން ވަނީ ނިންމާފަ އެވެ.

ރާއީ ހުށަހެޅުއްވާފައިވާ ހުށައެޅުމުގައި ވަނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު މެންބަރު ކަމުގައި ހުންނަ މުއްދަތުގައި އެ މެމްބަރުންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދިނުމަށެވެ. ކާރު ގެންގުޅުއްވާ މެންބަރުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އަމިއްލަ އަށް ދައްކަވާ ގޮތަށް ޕެއިޑް ޕާކިން ސްލޮޓް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ހަމަޖައްސަން ބޭނުން ވަނީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅުމަށް ފަހު މަޖިލީހުން އެކަން ފާސްކޮށްގެން ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރަންޖެހޭ ބައެއް ކަމަށާއި ކާރު ނުލިބިގެން ވަރަށް ގިނަފަހަރު ގަޑިޖެހޭ ގޮތް މެދުވެރިވާ ކަމަށެވެ. އަދި ކާރު އޮތް ކަމުގައިވިޔަސް ބޭނުން ނުކުރެވޭ ހާލަތު ކުރިމަތިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއީ ވަނީ މެމްބަރުންގެ ސަލާމަތީ ކަންކަން މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ. ސަރުކާރުން ވަޒީރުންނާއި މެނޭޖިން ޑިރެކްޓަރުން ފަދަ ބޭފުޅުންނަށް ޕާކިން ސްލޮޓް ހަމަޖައްސާފައިވާކަމަށާއި އެހެންކަމުން އެ ފުރުސަތު މެމްބަރުންނަށް ވެސް ލިބެން ޖެހޭކަމަށް ރާއީ ވިދާޅުވި އެވެ.

މިހުށައެޅުމާ ގުޅިގެން ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށާއި ރައްޔިތުންގެ ފަސޭހައާއި ލާބައަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދިނުމަށް ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ.