ކ. ރަސްފަރި ފަރަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެރި އާގު ބޯޓު، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށް އަންގައިފި އެވެ.

ރަސްފަރި ފަރަށް އެރި އާގު ބޯޓުން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޑިޕޮސިޓެއް ދެއްކުމަށް އަންގާފައިވަނީ މީގެ ކުރިން މިފަދަ ހާދިސާތަކުގައި ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރިއަސް، އެ ފައިސާ ނުދައްކައި ބޯޓުތައް ރާއްޖެ ދޫކޮށް ދާތީ ކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޤާނޫނުގެ ދަށުން ތިމާވެއްޓަށް ގެއްލުމެއް ދީފިނަމަ އެންމެ ބޮޑު އަދަދަކަށް ކުރެވެނީ 100 މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް ވާތީ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ،

ލިބުނު ގެއްލުން އިވެލުއޭޓްކުރުމުގެ މަސައްކަތް އީޕީއޭއިން ކުރިއަށްދާއިރު މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.

100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން އެންގި ނަމަވެސް އަދި އެ ބޯޓުގެ ވެރިފަރާތުން އެ ފައިސާ ދިން ކަމެއް ނޭނގެ އެވެ.

މީގެ ކުރިން ވެސް މިހެން ފަރަށް އެރި ބޯޓެއް ޖޫރިމަނާކޮށްފައިވެ އެވެ.

އެ ބޯޓު އަދިވެސް އެތަނުގައި އޮތް އިރު، މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ބޯޓު ފުންކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.