ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މައުލޫމާތު ނުދޭ 100 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުން ހެދުމަށް ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ މީހުންނާއި އަދި އެއްވެސް ގޮތަކަށް މައުލޫމާތު ފޯމު ހުށަނާޅާ 107 މީހަކު އަދިވެސް އެބަތިބި ކަމަށެވެ. މައުލޫމާތު ފޯމު ހުށަނާޅާ މީހުންގެ ލިސްޓު ވެސް މި އިއުލާނާއެކު އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.

އެޗްޑީސީން ބުނީ ތަފާތު ސަބަބުތަކާ ހެދި ފޯމު ހުށަނޭޅި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން މާދަމާ ހެނދުނު 8:00 އިން މެންދުރު 1:00 އަށް، ހުޅުމާލެ ހުރަވީ ސްކޫލްގެ ހޯލުގައި ފޯމު ފުރުމުގައި އެހީތެރިވެދިނުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހިޔާ ޓަވަރުތަކަށް ފެނުގެ ހިދުމަތް މިއަދު ދިނުމުގެ މަސައްކަތް ކުރިއަށް ދާތީ، ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮކުރުން ވެސް މިއަދު ނޯންނާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއަދު އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައި ވަނީ ފްލެޓް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް، ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ މީހުން ކަމަށެވެ.

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރު ކުރިއަށް ދަނީ، އެކި ސަބަބުތަކާ ހުރެ، ކުރިން އެ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ތިބި މީހުންނާ އެކު އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.

ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.