ދުސްތޫރީ މައްސަލަތަކެއް ކޯޓުތަކަށް މީގެކުރިން ހުށަހަޅުއްވާފައިވާ ސ. ހިތަދޫ، ލާމިގެ، މޫސާ އަންވަރު ގާނޫނީ ވަކީލުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ވަކީލުކަމުގެ ހުވާ މޫސާ އަންވަރު ކުރެއްވީ ބާ ކައުންސިލްގެ އިމްތިހާނުން ފާސްވި 277 މީހުން ވަކީލު ކަމުގެ ހުވާ ކުރުމަށް މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މޫސާ އަންވަރު ހައިކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް މިހާރުވެސް ހައިކޯޓުގައި ހިގަމުންއެބަދެ އެވެ. އެއީ ކައުންސިލްތަކުގެ ވަކި ޕަސެންޓެއް އަހެނުންނަށް ޚާއްސަކޮށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލްކޮށްދިނުމަށް އެދި ހުށަހާޅާފައިވާ މައްސަލައެކެވެ.

މޫސާ އަންވަރު ވިދާޅުވީ އެކަމުގެ ސަބަބުން އެތަކެއް ފިރިހެނުންގެ ހައްގު ގެއްލިގެންދާ ކަމަށެވެ. އަދި އޭނާ ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ ކޮނޑި އަންހެނަކަށް ޚާއްސަކޮށްފައިވުމުން ގާނޫނު އަސާސީން ލިބިދޭ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގުން އޭނާ މަހުރޫމްވެފައިވާ ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ.

މޫސާ އަންވަރަކީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވަކި ހިސާބަކުން އޭނާ ދިރިއުޅުއްވަނީ ހިމާޔަތް ހޯއްދަވައިގެން ބޭރު ގައުމެއްގަ އެވެ.