ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވެސް ބަންދުކުރުމަށްފަހު އަލުން ހުޅުވުމާއެކު ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންގެ ފުރަތަމަ ޓުއަރިސްޓު މަންޒިލަކަށް ދަނީ ރާއްޖެ ހިޔާރުކުރަމުންނެވެ. އެގޮތުން ތާޕްސީ ޕަންނޫ، މޯނީ ރޯއީ، އާއި މަންދިރާ ބެޑީ ހިމެނޭ ލިސްޓަށް މިފަހަރު އިތުރުވެފައި މިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަން އެވެ.

ވަރުން ރާއްޖޭގައި ހުރިކަން ހާމަވެފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ޕޯސްޓުކުރި ފޮޓޮއަކުން ނެވެ. ސޮނޭވާ ފުށި ޓެގްކޮށް ލާފައިވާ މިފޮޓޮއިން ވަރުން ފެންނަނީ އިންފިނިޓީ ޕޫލެއްގައި ހުއްޓިލައިގެން ހުއްޓަ އެވެ. ގާތް ގަނޑަކަށް 33،000މީހުން ވަރުންގެ އެކައުންޓަށް ފޮލޯ ކުރާ އިރު، 1 ދުވަސް ތެރޭ 8 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މިފޮޓޮއަށް ލައިކް ދީފަ އެވެ.

https://www.instagram.com/p/CGaNfM_hIiJ/

ވަރުން އަކީ ގިނަ ތަރިންނެކޭ އެއްގޮތަށް ރާއްޖޭގެ ހިތްގައިމު މާހައުލަށް އާ ފަންނާނެއް ނޫނެވެ. މީގެ 2 އަހަރު ކުރިން، 2018 ވަނަ އަހަރުގެ އާ އަހަރުވެސް ވަރުން ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ޑަބްލިޔު މޯލްޑިވްސްގަ އެވެ.

ވަރުން ސްކްރީނުން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ޝްރަދާ ކަޕޫރް އާއި އެކު ސްޓްރީޓް ޑައިންސާ 3ޑީ އިންނެވެ. މިފިލްމް ޑައިރެކްޓްކޮށްފައިވަނީ ރެމޯ ޑިސޫޒާ އެވެ. ވަރުންގެ ކުރިޔަށް އޮތް މަސައްކަތަކީ އޭނާގެ ބައްޕަގެ ރީމޭކް، ކޫލީ ނަމްބަރު 1 އެވެ. 1995 ނެރުނު ފުރަަތަމަ ކޫލީ ނަމްބަރު 1 އަސްލަކަށް ބަލައިގެން ހަދާ މިފިލްމުގައި ވަރުން އާއި އެކު ފެނިގެންދަނީ ސާރާ އަލީ ހާން އެވެ.