ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ގަރާރެއް ފާސްކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖޮއިންޓް ކައުންސިލްގެ ކުއްލި ބައްދަލުވުމަށް މިގަރާރު ހުށައަޅާފައި ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ގާޒީން ރަހީނުކޮށް ސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ ފަދަ، ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނުނު ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

މި ގަރާރުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް އެ ކޯލިޝަނާއި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނިކޮށް މިއަދު އާންމުވެފައިވާ އޯޑިއޯތަކުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު އެ ހުކުމަކީ ގަދަބާރުން އެ ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ، ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިފައިވާ ހަމަ ހަގީގަތުގައި ވެސް ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުން ވެސް ގަބޫލު ކުރާކަން މިއަދު ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަޟީހަތްވެފައި ކަމަށެވެ. އެހެން ކަމުން އެ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއްކަން ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ބުނަމުން ދާތީ އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ރައީސް ޔާމީން އެއްވެސް ޝަރުތަކާއި ނުލާ މިނިވަން ކުރުމަށް ގޮވާލާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

މިގަރާރު ހުށައެޅުމުން ފާސްވީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށައެޅުއްވި އިސްލާހާ އެކު އެވެ،

އެ އިސްލާހުގައި ވަނީ ރައީސް ޔާމީނަށް ނަފްސާނީ ގޮތުން ލިބިވަޑައިގެންފައިވާ ގެއްލުންތަކަށާއި އަދި އިދިކޮޅު ލީޑަރުގެ ޒިންމާ އަދާކުރެއްވުމުގައި ކުރިމަތިކުރުވި ހުރަސްތަކާއި ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލުމަށެވެ.

މިގަރާރު ފާސްވީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.