ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މިއަދު ހިޔާ ޓަވަރު 1 އަދި 2 އަކަށް ކަރަންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މިއަދު ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ވަގުތު އަންގާނެ ކަމަށެވެ. އެގޮތުން މިއަދު ކަރަންޓް ދިނުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު އެކެއް އަދި ހިޔާ ޓަވަރު ދޭ އަކަށެވެ. އަދި ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުންނެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ދޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.
ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް މިއަދު ސްޓެލްކޯއިން ކުރިއަށްދާއިރު ހުޅުމާލެ ފޭސް ދޭއްގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ހިޔާ ފުލެޓުތަކުން ބައެއް ގަޑިތަކުގައި ފެނުގެ ހިދުމަތް މިއަދު މެދުކެނޑިގެން ދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.
އެގޮތުން މިއަދު ހެނދުނު 7:00 އިން 11:00 އަށް ޓަވަރު 9ން ޓަވަރު 16 އަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ އެވެ. އަދި މެންދުރުފަހު 1:30 އިން ހަވީރު 5:00 އަށް ޓަވަރު އެކަކުން ޓަވަރު އަށަކަށް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގަ އެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.
ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.