ޝޯޓައިމް އިން 2003-2006 އަށް ގެނެސްދިން ކްރައިމް ސީރީޒް "ޑެކްސްޓާ" އެބުރި އަންނަކަށް އިއުލާންކޮށްފި އެވެ. ސީރީޒްގެ އެނބުރިއައުމުގައި ވެސް ފެނިގެންދާނީ ޑެކްސްޓާގެ ރޯލު ކުރިން ވެސް އަދާކުރި މައިކްލް ކާލީލް ހޯލް އެވެ.

އަށް ސީޒަނަށް ބަހާލައިގެން ގެނެސްދިން މިސީރީޒަކީ ގިނަ ބަޔަކު ގަޔާވި މަސައްކަތެކެވެ. ނަމަވެސް ސީރީޒް ނިމުމާއެކު އެންމެންގެ ވެސް ޝަކުވާ އަކަށްވީ ސީރީޒް ނިމިގެންދިޔަ ގޮތެވެ. ގިނަ ބަޔަކު އުއްމީދު ކުރީ ޑެކްސްޓާ ކެރެކްޓާ ކުރި ކުށްތަކަށް އޭނާއަށް އަދަބު ލިބި، ސީރީޒް ނިމިގެންދާނީ އިންސާފުވެރިކޮށް ކަމަށެވެ. ނަމަވެސް އެއާއި ހިލާފަށް، ސީރީޒް ނިމިގެން ދިޔައީ ޑެކްސްޓާގެ ކެރެކްޓާގެ މަރު އޭނާ އަމިއްލައަށް ފޯޖުކޮށް ޖަންގައްޔެއްގައި އެކަނި ފިލައިގެން ދިރިއުޅޭ މަންޒަރުންނެވެ.

ދިހަ އެޕިސޯޑްގެ ލިމިޓަޑް ސީރީޒެއްގެ ގޮތުގައި ޑެކްސްޓާ ރިވައިވަލް އެބުރި އަންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ސީރީޒް ނިމިގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހުނު ފަރާތްތަކަށް ހަމަޖެހުމެއް ގެނެސްދިނުމަށް ކަމުގައި ސީރީޒްގެ ލިޔުންތެރިޔާ ފިލިޕްސް ކްލައިޑް ފާހަގަ ކުރި އެވެ.

އޭނާ ބުނި ގޮތުގައި ސީރިޒްގެ ނިމުމަށް ހަ އަހަރު ދުވަސް ވޭތުވެ ދިޔައިރު، ސީރީޒް ރިވައިވަލް އަކާމެދު ހިޔާލުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އާ ވާހަކައިގެ ޕްލޮޓް ކަނޑައެޅުމަށް އެކަށީގެންވާ ވަގުތު ނުލިބި ލަސްވީ ކަމަށެވެ. އެކަމަކު ކޮވިޑާ ގުޅިގެން ދިރިއުޅުމަށް އައި ހަމަހިމޭންކަމާއެކު ވާހަކައިގެ ސްކްރިޕްޓް ތައްޔާރު ކުރުމަށް ބޭނުންވާ ވަގުތު ލިބުނީ ކަމުގައި ކްލައިޑް ބުންޏެވެ.

އަންނަ އަހަރު ޕްރޮޑަކްޝަންގެ މަސައްކަތް ފަށާ، އަހަރުގެ ފަހުކޮޅު ގެނައުމަށް ތައްޔާރުވަމުންދާ ޑެކްސްޓާ ރިވައިވަލް އާއި ބެހޭގޮތުން އިތުުރު މައުލޫމާތު ހިއްސާކުރަމުން ކްލައިޑް ބުނި ގޮތުގައި މިސީރީޒްގައި އެއްގޮތް ކަންތައްތަކެއް ފެނިގެން ދިޔަ ނަމަވެސް އާ ކަންކަން ވެސް ހިމެނޭނެ އެވެ. އަދި އެހެން މިފަދަ ސީރީޒްތަކުގައި ވާހެން، ޑެކްސްޓާގެ ހަޔާތަކީ ހުވަފެނެއް ފަދައިން ދައްކުވައިދީ ބެލުންތެރިންގެ އިންތިޒާރަށް ހިތި ނިމުމެއް ނުގެންނާނެ ކަމުގެ ޔަގީންކަން ކްލައިޑް ވަނީ ދީފަ އެވެ.