ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން އަންނަ ސްރީލަންކާއަށް ނިސްބަތްވާ ތަރި ޖެކޮލިން ފެނާންޑޭޒް އާ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ސުވާލުކޮށްފި އެވެ.

އިންޑިއާގެ އޭއެންއައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންފޯސްމެންޓް ޑިކްޓޯރޭޓް (އީޑީ)ން އެ މައްސަލާގައި ޖެކޮލިންއާ ފަސް ގަޑިއިރުވަންދެން ސުވާލުކުރުން ކުރިޔަށް ގެންދިޔަ އެވެ.

މި ރިޕޯޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޖެކޮލީން އާ ސުވާލު ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން ހެކިބަސް ނެގުމަށް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެއްވެސް އިންޑިއާ ނޫހަކުން ރިޕޯޓްކޮށްފައެއް ނުވެ އެވެ.

2009 ވަނަ އަހަރު ނުކުތް ޑްރާމާ "އަލާދިން" އިން ހިންދީ ފިލްމް އިންޑަސްޓްރީއަށް ތައާރަފުވި ޖެކޮލިން ވަނީ ކާމިޔާބު ފިލްމްތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "މާޑާ2"، "ހައުސްފުލް 2"، "ރޭސް 2"، "ޖުޑްވާ" ފަދަ ފިލްމްތައް ހިމެނެ އެވެ.

އޭނާ ވަނީ ފިލްމްތަކުން އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ނެށުމުގެ ހުނަރު ދައްކައިދޭ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ވެސް ފެނިފަ އެވެ

ޖެކޮލީންގެ ފިލްމީ ދާއިރާގެ ބައެއް މަސައްކަތްތަކަށް ބަލާލާއިރު ކުރިޔަށް އޭނާގެ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި ރާމް ސޭތޫ އާއި ބައްޗަން ޕާންޑޭ ހިމެނެ އެވެ. މީގެ އިތުރުން ސަލްމާން ޚާންއާއެކު ފެނިގެންދާނެ ފިލްމް "ކިކް 2" އާއި ސައިފް އަލީ ޚާން، އާއެކު ހަމަޖެހިފައިވާ ފިލްމް "ބޫތް ޕޮލިސް" އާއި "ރަންވީރް ސިންގް" އާއެކު ފެނިގެންދާނެ ފިލްމް "ސާކަސް" ހިމެނެ އެވެ.