ކ. ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރިހިވެލީ ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިހިވެލި ރިސޯޓް ހިންގަމުން އަންނަ ސޭވް ދަ ޑްރީމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވަނީ އެރިސޯޓަށް ބަޔަކު ގަދަކަމުން އަރާ ތަނުގެ ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ.

އެ ރިސޯޓަށް ބަޔަކު އަރައި ރިސޯޓުގައި ތިބި މީހުންނަށް އަނިޔާކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވެ އެވެ. އެގޮތުން، ބަންގްލަދޭޝް މީހެއްގެ ފޯނު ވަގަށް ނަގައި، އޭނާ ގޮނޑީގައި އައްސާފައި ބައިންދައިގެން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ ޕޯސްޓެއް ދަނީ ދައުރުވަމުންނެވެ.