މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަމުންދާ މުހިންމު އެއް ސިޔާސަތަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް, ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ގައުމަކާއެކު ވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެ ގޮތުން ފުރަތަމަ ކަމަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ އިހުތިފާލުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު،" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު،
ރައީސް ސޯލިހު

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުގެ ހާޒިޖީ ސިޔާސަތު އެހެން އޮތް ނަމަވެސް، މާތް ﷲގެ ވާގިފުޅާއެކު މިސަރުކާރުގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވެ އަދި އެކަމުގެ ފައިދާ ވެސް ދިވެހި ރައްޔިތުންނަށް ލިބެމުން ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިއާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ އިހުތިފާލުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން،" ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތަކީ، ގުރުބާނީތަކުގެ ބިމުގައި، ގައުމީ ބަތަލުންގެ ޖިހާދީ ލެޔާއި ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެ ގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން،
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ގައުމިއްޔަތުގެ ސިފަތަކަށް ޚާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެން ކަމަށެވެ. އަދި ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ އިހުތިފާލުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"ގައުމިއްޔަތަކީ، ގުރުބާނީތަކުގެ ބިމުގައި، ގައުމީ ބަތަލުންގެ ޖިހާދީ ލެޔާއި ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެ ގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން،" ރައީސް ވިދާޅުވި އެވެ.