ޔޫކްރެއިންގެ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓާ އަދި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓު ކުރާ އިންސްޓަގްރާމް އިންފްލުއެންސަރު، ޑިމިޓްރީ ސުޒުކްއަށް ކޮވިޑް ޖެހިގެން ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެ އެވެ. އުމުރުން 33 އަހަރުގެ ޑިމިޓްރީ ކޮވިޑް ބަލީގައި މަރުވިކަން އިއުލާންކޮށްފައިވަނީ އޭނާގެ ކުރީގެ އަންހެނުން ސޯފިޔާ ސުޒުކްގެ އިންސްޓަގްރާމް އެކައުންޓުގަ އެވެ.

ޑިމިޓްރީގެ ނަޒަރުގައި ކޮވިޑަކީ ހަގީގީ ބައްޔެއް ނޫން ކަމަށް ބުނެފައިވަނިކޮށް، އޭނާ އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ތުރުކީއަށް ކުރި ދަތުރެއްގެ ތެރެއިން ނެވެ. ބަލިވުމަށްފަހު ޑިމިޓްރީ ވަނީ ކޮވިޑުގެ ތަކުލީފު އުފުލަން ޖެހުމާ ހަމައަށް އެއީ މާ ބޮޑުކަމެއް ކަމުގައި އޭނާ ހީނުކުރި ކަމަށާއި ބަލީގެ އަސްލާމެދު ސުވާލު އުފެއްދުނީ ކުށްހީއަކުން ކަމަށް ބުނެފަ އެވެ.

ނަމަވެސް ކޮވިޑު ޖެހުމުން މިއީ އާދައިގެ ބައްޔެއް ނޫންކަމަށް ބުނެ އެކަން ލުއިކޮށް ނުނެގުމަށް ޑިމިޓްރީ ވަނީ އޭނާގެ 1 މިލިއަން ފޮލޯވަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ޑިމިޓްރީއަށް ފަރުވާ ކުރި ޑޮކްޓަރުން މައުލޫމާތު ދިން ގޮތުގައި ޑިމިޓްރީގެ ފުރާނައަށް ނުރައްކާވީ ކޮވިޑް 19ގެ ޖަރާސީމުން އޭނާގެ ހިތަށް ލިބުނު އިއާދަނުކުރެވޭވަރުގެ ގެއްލުމުގެ ސަބަބުން ނެވެ. އަދި އޭނާ ނިމިދިޔައީ ވެސް އެ ގެއްލުންތަކަށް ފަރުވާ ކުރަމުން ދަނިކޮށް ކަމަށް ޑޮކްޓަރުން ބުންޏެވެ.

ޑިމިޓްރީ އާއި ސޯފިޔާގެ ކައިވެނި މީގެ ހަ މަސް ކުރިން ނިމުމަކަށް އައިސްފައި ވާއިރު، މިދެމީހުންނަށް ތިން ކުދިން ލިބިފައި ވެ އެވެ. ޑިމިޓްރީގެ ކުއްލި ވަކިވެދިޔުމާއި ގުޅިގެން ސޯފިޔާ ވަނީ ޑިމިޓްރީއަށް ހާއްސަ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ. އޭގައި ބުނެފައިވަނީ އާއިލާއާއެކު ޑިމިޓްރީ ނެތްކަމުގެ އުނިކަން އިހުސާސްކުރެވި ހިތާމަކުރާ ކަމަށެވެ.

ނަަމަވެސް އޭނާގެ އުފާވެރި ހަދާންތައް އަބަދުވެސް ހިތުގައި ވާނެ ކަމަށް ސޯފިޔާ ވަނީ ބުނެފަ އެވެ.