މެރިން ސައިންސް މާހިރުންގެ ޓީމަކުން ކުރި ދިރާސާއެއްގައި ސައޫދީ އަރަބިއާގެ ރަށެއް ކަމަށްވާ އަލް ވަގާދީ އައިލެންޑްގެ ހުޅަނގު އުތުރުން ރަތް ކަނޑުގައި 600 އަހަރަށް ވުރެ ގިނަ ދުވަސްވީ ދިހަ މީޓަރު އުސް މުރަކައިގެ ވާދީއެއް ހޯދިއްޖެ އެވެ.

ދަ ރެޑްސީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުއެސްޑީސީ) އިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުރަކަ ވާދީއަކީ މީގެ ކުރިން ރަތް ކަނޑުން ހޯދިފައި ނުވާވަރުގެ މުއްސަނދި ކަމެއް ލިބިފައިވާ ވާދީއެއް ކަމަށެވެ.

އާރުއެސްޑީސީ އިން އިތުރަށް ބުނެފައި ވަނީ މި ހޯދުމުގެ ސަބަބުން މުރަކައިގެ އިތުރު ދިރާސާތަކާއި މީގެ އެތައް އަހަރެއް ކުރިން ކަނޑުގެ ފިނިހޫނުމިން ހުރި މިންވަރު ދެނެގަތުމަށް އެހީވެދޭނެ ކަމަށެވެ.

ހަމައެއާއެކު މި ހޯދުމަކީ އަލްވަގާދީ އައިލެންޑްއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ހާމަވާ ކަމެއް ކަމަށް ވެސް އާރުއެސްޑީސީއިން ވަނީ ބުނެފަ އެވެ. އަދި އެހެންމެ މި ހޯދުމަކީ ސައޫދީ އަރަބިއާގެ ފަތުރުވެރިކަމަށް ބޮު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން އަންދާޒާ ކޮށްފައިވެ އެވެ.

ދަ ރެޑްސީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މިފަދަ ދިރާސާތަކުގައި ހޯދޭ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އާލާކުރަން އިތުރު މަސައްކަތް ތަކެއް ކުރާނެ ކަމަށް ވެސް އާރުއެސްޑީސީއިން ވަނީ ބުނެފަ އެވެ.