ޝާހުރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ބޮލީވުޑަށް ރަސްމީކޮށް ތައާރަފުކޮށްފައި ނުވި ކަމުގައިވީ ނަމަވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓަކީ ގިނަ ބަޔަކު ފޮލޯ ކުރާ، މަގުބޫލު، އެކްޓިވް އެކައުންޓެކެވެ.

އެގޮތުން އިއްޔެގެ ވަގުތެއްގައި ފޭންއަކު ވަނީ ޓުވިޓާގައި ސުހާނާ ހާން އާއި ޝާހުރުކްގެ މަންމަ، ލަތީފް ފާތިމާ ހާން ވައްތަރުކަމަށް ބުނެ، ދެ މީހުންގެ ފޮޓޮއެއް ކޮލާޖްކޮށް ޓުވީޓް ކޮށްފަ އެވެ. ބްލެކް އެންޑް ވައިޓްކޮށް އެޑިޓްކޮށްފައިވާ މިފޮޓޯ އިންޓާނެޓަށް ދޫކޮށްލުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން ފޮޓޮއަށް ހުއްޓި މިހާރު ފޮޓޯ ވަނީ ވައިރަލްވެފަ އެވެ. އަދި ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ސުހާނާގެ މޫނުގެ ބައެއް ސިފަތަށް ހަގީގަތަށް ވެސް އޭނާގެ މާމައާއި ވަރަށް ވައްތަރެވެ.

ސުހާނާ ހާންގެ އިންސްޓަގްރާމް އެކައުންޓް މިހާރު ޕަބްލިކް ކޮށްފައި ވާއިރު އޭނާގެ ފޮޓޮއާއި ވީޑިއޯ ގަވައިދުން އަންނަނީ ފޭނުންނާ ހިއްސާކުރަމުންނެވެ. އެގޮތުން ދާދި ފަހުން ސުހާނާ ވަނީ އޭނާގެ ކޮލެޖަށް ތައްޔާރުކޮށްފައިވާ ކުރު ފިލްމެއްގައި އޭނާގެ އެކްޓިން ހުނަރުވެސް ދައްކާލާފަ އެވެ.

"ދަ ގްރޭ ޕާޓް އޮފް ބްލޫ" ނަމަކަށް ކިޔާ މިފިލްމުގައި ސުހަނާ ކުޅެފައިވާ ރޯލަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފަ އެވެ.

ނިއު ޔޯކް ޔުނިވާސިޓީގައި ފިލްމް މޭކިންގް ކިޔަވަމުންދާ ސުހާނާ ހާން، މިވަގުތު ހުރީ ކޮވިޑާއި ގުޅިގެން އިންޑިއާގަ އެވެ. އެގޮތުން އާއިލާއާއި އެކު ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާކަން އޭނާ ދަނީ ފޭނުންނާއި ހިއްސާ ކުރަމުންނެވެ.