ދަރިން ތަރުބިއްޔަތު ކުރުމުގައި ދިރިއުޅުމުގެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ހާއްސަ ސަމާލު ކަމެއް ދީގެން ދަރިން ހޭލުންތެރި ކުރުވަން ޖެހޭ އެއް ކަމަކީ ފައިސާ ގެންގުޅުމެވެ.
ބެލެނިވެރިންގެ ގޮތުގައި ދަރިންނަށް ފައިސާގެ މުހިއްމުކަން އަންގައިދީ ފައިސާ ހޭދަކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުރެވިދާނެ ބައެއް ކަންތައް ހުރެ އެވެ.
އެގޮތުން ބަލާއިރު އެންމެ ފުރަތަމަ ކަމަކީ ނަމޫނާ ދެއްކުމެވެ. ފައިސާ ގެންގުޅުމުގައާއި ފައިސާ ހަރަދު ކުރުމުގައި ތިބާ ދައްކައިދޭން ބޭނުންވާ މިސާލު ތިބާގެ އަމަލުން ދައްކާށެވެ. މިއީ ދަރިން އެކަމަށް ހޭނުވޭނެ އެންމެ މޮޅު ގޮތެވެ.
އެއާއެކު ޅަ އުމުރުން ފެށިގެން ވެސް ދަރިންނަށް ފައިސާ ހަވާލުކޮށް ރައްކާތެރި ކަމާއެކު ފައިސާ ގެންގުޅުމަށް ހަވާލު ކުރުމަކީ އެކަމުގައި އެކުދިން ޒިންމާދާރު ކުރުވަން އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ހަމަ އެގޮތުން ފަހަށް ރައްކާ ކުރަން ދަރިންނަށް ބާރު އަޅައި ޕޮކެޓް މަނީ ނުވަތަ އާއިލާއާއި ތިމާގެ މީހުންގެ ފަރާތުން ލިބީ ފައިސާ ރައްކާކޮށް ބެހެއްޓުމަށް ބާރު އަޅާށެވެ. އަދި މި ފައިސާ އެއްކޮށް އެކުދިން ބޭނުންވާ އެއްޗެއް އެ ފައިސާއިން ހޯދައިދޭށެވެ.
މިކަންކަމަކީ ފައިސާ ގެންގުޅުމާއި ހަރަދު ކުރުމުގެ މުހިއްމު ދިރިއުޅުމުގެ ހުނަރު ދަރިންގެ ގައިގައި އަށަގެންނެވުމަށް މައިންބަފައިންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.