ދައުލަތުގެ ބަޖެޓު ޑެފިސިޓް ފޫބައްދަން މި ސަރުކާރުން އުޅެނީ މަނީ ލޯންޑަކޮށް، ކަޅު ފައިސާ ހޯދައިގެން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ "ނާގާބިލް ސަރުކާރުން" ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ ކަޅު ފައިސާ ދޮވެގެން ކަމަށެވެ. އަދި އެ މަސައްކަތުގައި އުޅުއްވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވި އިރު، ދައުލަތުގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތުގެ ދަރަނީގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ދެލިކޮޕީގައި ވަނީ ބުނެފަ އެވެ.

ޝިޔާމްގެ އެ ވާހަކަތަކާ ގުޅިގެން ބައެއް އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅު ކުރެއްވި އެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މަޖިލިހުގެ ގަވައިދާ ހިލާފަށް ޝިޔާމް ވާހަކަ ދައްކަވަމުންދާ ކަމަށާއި މަނީ ލޯންޑްރިން މައްސަލައިގައި ޖަލު ހުކުމްގައި އޮންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލުން ޑެފިސިޓް ފޫބެއްދުމަށްޓަކައި މަނީ ލޯންޑަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ގައުމުގެ މާލީ މުޝީރުކަން މިއަދު ކުރަނީ އަވައްޓެރި ބޮޑު ގައުމަކުން ކަމަށެވެ. މި ސަރުކާރުން ރާއްޖޭގެ މާލީ އިންޓެލިޖެންސް ދީފައިވަނީ އިންޑިއާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެހެން ގައުމަކުން ރާއްޖެއަށް އިންވެސްޓެމެންޓެއް ނުގެނެވޭ ކަމަށް ވިދާޅުވި އެވެ.

"އެހެން ގައުމެއްގެ ހެޔޮވަރުގެ ބޮޑު އިންވެސްޓްމަންޓެއް ދެން އަންނާނެ ކަމަށް ދިވެހި ރައްޔިތުން އުންމީދު ވެސް ކުރާނެ ކަމެއް ނެތް،" އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާޔާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިންގެ ކުރިމަގު މަރާލަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ ކަޅު ފައިސާ އިން ކަމަށް ޝިޔާމް ވިދާޅުވި އިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.