ކުދި މަޝްރޫއުތައް ކައުންސިލާ ރަށުގެ ރައްޔިތުން ކުރިޔަށް ގެންދިޔަ ނަމަވެސް ދިގުރަށުގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްކުރައްވާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ދިގުރަށު ކައުންސިލުން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، އެބޭފުޅުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަމަށާއި، ފެނާ ނަރުދަމާގެ ނިޒާމް ގާއިމްވެފައިވާ ނެތުމުން ޓޫރިޒަމަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން ވެސް ސްކޫލްގެ އިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިގުރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި، ރަށް ގިރާ މައްސަލަ ހައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅުގައި ހިމެނޭ ކަމަށް ވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަން ކަމަށް ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.