މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަކުރި އިންޑިއާގެ ޑޮކްޓަރަށް ދައުވާނުކޮށް، އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފި އެވެ.

މިމަހުގެ ދެވަނަ ދުވަހުގެ ރޭ މާލޭގައި މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރީ އީވް ކްލިނިކްގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. ރާހުލް ވިޖޭ ސަންގަލް އެވެ.

އޭނާ އަކީ މީގެކުރިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޖަލުތަކުގައި ވެސް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

ފުލުހުން މިއަދު ބުނީ މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ފޮނުވާލީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ދޫކޮށްލި އެވެ. އަދި ފުލުހުން ބުނީ އެ މީހާ ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ މީހާ ވަނީ ދިވެހިންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.