އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ.ހުސެއިން ރަޝީދު ހަސަން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ތުހުމަތު ކުރައްވައިފި އެވެ.

މިނިސްޓަރު ޑރ. ހުސައިން ރަޝީދަށް ޓެގް ކުރައްވާ ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަންގަވަމުން ގެންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެމްޑީޕީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑި ހުތުރު ގޮތްތައް ވައްދަން ނޫޅުމަށް ވެސް ވައްޑެ ގޮވާލެއްވި އެވެ.

"މި ޕާޓީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑި ހުތުރު ގޮތްތައް ވައްދަން ނޫޅުއްވާ،" ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯއްދެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވަރުގަދައަށް މަސައްކަތް ކުރައްވަމުންނެވެ. އެ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ނަޝީދުގެ ތާއީދު އޮތް މެމްބަރުންނާއި ރައީސް ސޯލިހްގެ ތާއީދު އޮތް މެމްބަރުންނެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ، ސަރުކާރުގެ އެކި ވަޒީރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

މިގޮތުން އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މީހުން ވައްދާ ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ސަރުކާރުން މިފަދަ އެންމެހާ ތުހުމަތުތައް އިންކާރު ކުރެ އެވެ.