ރާއްޖޭގެ އާޓިސްޓް ކޮމިއުނިޓީގެ މަސައްކަތްތައް ދައްކާުލާ، އާޓިސްޓުންގެ ހުނަރު ތަރައްގީ ކުރުމަށް ބާއްވާ އަހަރީ މައުރަޒު؛ "އަންވެއިލިންގް ވިޝަން 2020"، މިމަހު 23-29 އަށް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެހީތެރިކަމާއި އެކު ގެނެސްދޭ މި މައުރަޒު މިސީރީޒްގެ މިއީ ފަސްވަނަ އަދަދެވެ.
މިއަހަރުގެ އަންވެއިލިންގް ވިޝަންގައި ހަތް ކެޓަގަރީއަކުން، 70 އާޓިސްޓުން ބައިވެރިވެފައި ވާއިރު ގިނަ އަދަދެއްގެ ތަފާތު މަސައްކަތްތަކެއް ފެންނާނެ ކަމަށް މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ބުންޏެވެ.
މިމަސައްކަތްތައް ބަލާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މިގޮތުން ހެނދުނު 10:00 އާއި ރޭގަޑު 10:00 އާ ދެމެދު އާޓް ގެލެރީއަށް ވަޑައިގެން ކޮންމެ މީހަކަށް ވެސް އެ މަސައްކަތްތައް ބަލައިލެވޭނެ އެވެ.
ކޮންޓެމްޕަރަރީ އާޓް ތީމަށް ހާއްސަކޮށްގެން މިމައުރަޒު ބާއްވަމުންދާތާ ފަސް ވަނަ އަހަރު ގުނެމުން ދާއިރު، މިމައުރަޒުގެ މަގުބޫލުކަން އާންމުންގެ މެދުގައާއި އާޓިސްޓުންގެ މެދުގައި ދަނީ އިތުރުވަމުން ނެވެ. އެގޮތުން އެންމެ ފުރަތަމަ 2016 ގައި މިމައުރަޒު އަލަށް ބޭއްވި އިރު ބައިވެރިވެފައިވަނީ 23 އާޓިސްޓުންނެވެ. 2017 ގައި މިއަދަދު ވަނީ 32 އަށް އިތުރު ކުރެވިފަ އެވެ.
ޖެހިގެން އައި އަހަރު 43 އާޓިސްޓުން އަދި މިދިޔަ އަހަރު 55 އާޓިސްޓުންގެ މަސައްކަތް މިމައުރަޒުގައި ދައްކާލާފައި ވާއިރު، މިއަހަރު 70 ފަންނުވެރިއެއްގެ މަސައްކަތް ފެނިގެން ދިޔުމަކީ އާޓްގެ ފަންނުވެރިކަމަށް ލޯބިކުރައްވާ ފަރާތްތަކަކުން ގުޅިގެން ކުރިޔަށްގެންދާ މިއިވެންޓުގެ ކާމިޔާބީ ގިންތި ކުރެވޭ ހެއްކެކެވެ.