މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް ވުރެ އިތުރުވެއްޖެ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަމާބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ހަގީގީ އަދަދު މިއަށްވުރެ އިތުރުވެ، 780 މިިލިއަނާ ގާތްކުރާނެ އެވެ.

މި ވައިރަހަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި ގިނަ މީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވެ އެވެ. އަދި ބައެއް ގައުމުތަކުން ޕޮޒިޓިވްވި މީހުންގެ އަސްލު އަދަދު ހާމަކޮށްފައި ވެސް ނުވެ އެވެ.

މިއަދާ ހަމައަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 1.1 މިލިއަނަށް އަރާފައިވާއިރު ކަމާބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި މި އަދަދު ވެސް މިއަށްވުރެ އިތުރުވާނެ އެވެ.

ދުނިޔެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެގޮތުން ޖުމްލަ 8،154،594 މީހުން އެ ގައުމުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ދެވަނަ އަށް އޮތް އިންޑިޔާއިން ވަނީ 7،550،273 ކޭސް ރިޕޯޓުކޮށްފަ އެވެ.