ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް އަނެއްކާ ވެސް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.
މިފަހަރު ރިޝްމީއަށް ލިބިފައިވަނީ ޑރ. ސަރޯޖިނީ ނައިޑޫ "ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ ދި އެވޯޑްސް ފޯ ވޯކިން ވިމެން” ގެ އޯވެޑެވެ.
އެ ވޯޑަކީ މީގެ ފަސް އަހަރު ކުރިން ދޭން ފެށި ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ.
އެ އެވޯޑަށް ރިޝްމީގެ ނަން ހުށަހެޅީ މޯލްޑިވްސް ސޮސައިޓޯ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އެވެ
މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ 100 އަންހެނުންނަށް ދޭ އެ އެވޯޑު ރިޝްމީ އަށް މިފަހަރު ލިބުނީ އެވޯޑަށް ހުށަހަޅާފައިވާ 7،000 މީހުންގެ ތެރެއިންނެވެ.
އެވޯޑު ލިބުމުން އެކަމުގެ އުފަލުގައި ރިޝްމީ ކުރި ޕޯސްޓެެއްގައި ބުނެފައި އެ އެވޯޑު ކާމިޔާބުކުރުމުގެ ފަހަތުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށްވާ ކަމަށެވެ. އޭނާ ވަނީ އެ ޕޯސްޓުގައި ދަރާބެ އަށް ހާއްސަ ޝުކުރެއް ވެސް ރައްދު ކޮށްފަ އެވެ.
މި އެވޯޑް ރިޝްމީއާ ޙަވާލުކުރުން އޮތީ މިމަހުގެ 14 އިން 16 އަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ "ސެވަންތް ގްލޯބަލް ލިޓްރަރީ ފެސްޓިވަލް" ގަ އެވެ.
ރިޝްމީއަށް ލިބުނި އެ އެވޯޑާއެކު ގިނަ ބަޔަކު އޭނާއަށް މަރުހަބާ ވަނީ ކިޔާފަ އެވެ.
މީގެ ކުރިން މަޝްހޫރު ތަރި އަދި ޑައިރެކްޓަރު ރިޝްމީއަށް ވަނީ 2017 ވަނަ އަހަރުގެ ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ވަނީ ލިބިފަ އެވެ.