ފިޔަވަތީގެ މައްސަލާގައި ކަމާއިބެހޭ ހުރިހާ އިދާރާއަކަށާއި، މަޖިލީހަށް ވެސް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި، ގެންދަވާ ތަނަކަށް އަވަހަށް ގެންގޮސް ޖަވާބުދާރީ ކުރުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެދިވަޑައިގެންފި އެވެ.
ޝުޖާއު މިކަމަށް އެދިވަޑައިގެން ޓުވީޓް ކުރެއްވީ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި ކުޑަކުދިން ފުރާޅު މައްޗައް އަރައި އުޅުނު ވަގުތު އެކަން ކޮންޓްރޯލްކުރަން ޝުޖާ ފިޔަވައްޗަށް ވަތް މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ލޯކަލްގަވަރުމަންޓް އޮތޯރިޓީއަށް ހުށައަޅަން ނިންމުމާ ގުޅިގެންނެވެ.
ޝުޖާއު ވިދާޅުވީ އެކަމާ ގުޅުންހުރި ހުރިހާ ވާހަކައެއް ދައްކަން ތައްޔާރު ކަމަށާއި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވެސް ދާން ތައްޔާރު ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީ ޖަވާބުދާރީ ކުރުމުގެ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާއިގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން ތައްޔާރުކުރި ރިޕޯޓް ވަނީ ކޮމިޓީއަށް ހުށަހަޅާފަ އެވެ.
ޝުޖާއުގެ ފިޔަވައްޗަށް ވަތް މައްސަލައިގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައްސަލަ ބެލުމަށްވެސް މީޑިއާ ކައުންސިލަށް ހުށައެޅުމަށް ވެސް ވަނީ ފާސްވެފަ އެވެ. މި ދެ މައްސަލަ ވެސް ބެލުމަށް ހުށައެޅުއްވީ މިއަދު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އެވެ.
ޝުޖާއު ވަނީ ފިޔަވަތީގެ ހާލަތު ގޯސްވުމުން، ހުޅުމާލެ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތު އެތަނަށް ވަދެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެރޭ އޭނާ ވަނީ އެތަނުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު މީޑިއާއާ ވެސް ހިއްސާ ކޮށްފަ އެވެ. އެތަނުގެ ކޮންޓްރޯލް ގެއްލި ކުދިން ފުރާޅު މައްޗަށް އަރާ އެތަނުގައި ރޯކުރި އިރުވެސް ޖެންޑާ މިނިސްޓަރު ވެސް އަދި އެ މިނިސްޓްރީގެ ސިޔާސީ އެއްވެސް ބޭފުޅަކު އެތަނަށް ވަޑައިގެންފައެއް ނުވެ އެވެ.
ހާދިސާ ހިނގަމުންދިޔަ ވަގުތު ފުލުހުން ދިޔައީ ޢާއްމުންނާއި ނޫސްވެރިން ވެސް އެތަނުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.