ގެވެށި އަނިޔާގެ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލަގެ ޝަރީއަތް ސިއްރުކޮށްގެން ފަށައިފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އެންމެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ފެށީ ނޫސްވެރިންނާއެކު އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ މައްސަލައިގެ ބާވަތުން އަޑުއެހުން ހުޅުވާލައިގެން ނުގެންދިއުމަށެވެ. އެގޮތުން މިއީ ގެވެށި އަނިޔާގެ މައްސަލަކަށް ވާއިރު، ދައުވާ ލިބޭ ފަރާތާއި އަދި ދައުވާ ރައްދުވާ ފަރާތުގެ ޒާތީ ކަންތައްތައް މި މައްސަލައިގައި އެކުލެވޭ ކަމަށް ފާހަގަކުރެއްވި އެވެ.

ދައުލަތުން އެގޮތަށް ހުށަހެޅުމުން އީސަގެ ގާނޫނީ ވަކީލް ނޫރުލް އިސްލާމް ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އެހެންކަމުން ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ.

އީސަގެ ޝަރީއަތް ހިންގާ އިރު، އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. އެކަމަކު މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ.

އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވެ ޕްރެޝާ ބޮޑުވުމުން އޭނާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.