ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ގިނަ ދުވަސްތަކެއް ވަންދެން އިސްލާމް މާއްދާ ކިޔަވައިދެއްވަމުން ގެންދެވި މުދައްރިސް ސުއޫދު މުހައްދުފުޅު ކުއްލި ގޮތަކަށް ނިއާވެއްޖެ އެވެ.

މިނިސްޓަ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ސުއޫދު ވަނީ 22 އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ. އެގޮތުން އަމީނިއްޔާ ސްކޫލް އަދި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގައި އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ސުއޫދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ކުއްލި ގޮތަކަށް ނިއާވީ، ނިދާފައި އޮއްވައި ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ސުއޫދު ނިއާވިއިރު އުމުރުފުޅަކީ 52 އަހަރު އެވެ.

ސުއޫދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ފުރުގާން މިސްކިތުގަ އެވެ.