ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ގައި ދިން ހަމަލާއަށް އިންސާފުލިބުމަށް އޮތް ހުރަހަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ މިނިސްޓަރު އިމްރާނަކީ ދުނިޔޭގެ ނަމުގައި މާއްދިއްޔަތަށް ހުސްވެފައިވާ ބޭފުޅެއް ކަމަށެވެ. އަދި އިމްރާން މަސައްކަތް ކުރަނީ މިސަރުކާރުގެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްކަމަށެވެ. ހާއްސަކޮށް ރާއީގެ ދާއިރާއަށް ކަންކަން ވިޔަ ނުދިނުމަށް އިމްރާން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޭކުރެންދޫގައި ޖަލެއް އެޅުމަށް ވައުދުވެ ތަފާތު ކުރެހުން ރައްޔިތުންނަށް ދައްކައި، ކުލަ ހުވަފެނުގައި ތިން އަހަރު ގެންގުޅެފައިވާ ކަމަށާއި ދެން އެގޮތަށް އެކަން ނުވާނެ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.

"އިމްރާން ދެން ނޭކުރެންދޫއަށް ދާއިރު އިސްތިއުފާއަށް ގޮވައި ރަށުން ބާލާވަރު ނުކުރަނީސް ވެފައިވާ ވައުދު ފުއްދަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ނޭކުރެންދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ ޖަލުގެ މަސައްކަތްކުރުމަށް މެމްބަރަށް އެއްވެސް އެންގުމެއްނެތި ކުއްލިއަކަށް ގެޒެޓް ކުރެއްވުމުން އެކަމުގެ ހިތްހަމަ ނުޖެހިގެން ވެސް މީގެ ކުރިން ރާއީ ވަނީ ވާހަކަ ދައްކާފަ އެވެ.

ރާއީ ވިދާޅުވީ ތަރައްގީގެ މިފަދަ މަސައްކަތަކީ ވަޒީރު ސިއްރު ސިއްރުން ކުރަންޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.