ރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީ ހޯދެން އޮތީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކާއެކު ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރޭ ގެނެސްދިން ހާރިޖީ ސިޔާސަތު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އެގޮތުން ޓުއަރިޒަމަށް ނުވަތަ ބޭރު ފައިސާއަށް ބަރޯސާވާ މިންވަރު ވެސް އޮންނަނީ މުޅި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިފައި ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ކުދި ބޮޑު އެންމެހާ ގައުމުތަކާއެކު މެދުކެނޑުމެއްނެތި ގުޅުން ބަދަހި ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރެއްވިއިރު، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަން ދިވެހި ޚާރިޖީ ވަޒީރު އިންނެވުމުން ދޭހަކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ކުރައްވާ އިތުބާރު ކަމުގައި ނައިބު ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތް ނާޒުކު ހާލަތު ސިފަކޮށްދެއްވަމުން، ނައިބް ރައީސް ފައިސަލް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ގުޅުން ކަނޑާލެވިފައިވާ ކަމަށާއި އެގޮތުން ކޮމަންވެލްތާއި އަރަބި ބައެއް ގައުމުތަކާއެކު އޮތް ގުޅުންވެސް ކަނޑާލެވިފައިވާ ކަމުގަ އެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިގޮތަށް ކަނޑާލެވިފައިވާ ގުޅުންތައް އަލުން އިއާދަކުރެއްވުމަށް މަސައްކަތް ފެއްޓެވިކަން ފާހަގަކުރެއްވި އެވެ. އަދި އެކި ގައުމުތަކާއެކު އޮތް ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމުގެ މަސައްކަތް އަލުން ފެއްޓެވުމާއެކު ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވި، އެކި ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންގޮސްފައިވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ފައިސަލް ވާހަކަފުޅުގައި، ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރެވުނު މަސައްކަތަށް އެކަނި ބެލިކަމުގައި ވިއަސް ދިވެހި ޚާރިޖީ ސިޔާސަތުގެ ފޮނިމީރުކަން ފެނިގެންދާކަމުގައި ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގެ އެތައް ގައުމެއްގެ އެހީތެރިކަން އެ ހާލަތުގައިވެސް ލިބިގެން ގޮސްފައިވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ވެކްސިން ލިބުނު ގައުމުތަކުގެ ތެރެއިންވެސް އެންމެ ކުރިން ވެކްސިން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންގޮސްފައިމިވަނީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ރާއްޖެ ދެމިއޮންނާނީ ހުރިހާ ގައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގައި ވެސް އިތުރު ހަތް ގައުމަކާއެކު ގުޅުން ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންކުރެވިފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއަށް އެތައް ގިނަ ފައިދާއެއް ކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ މިހާރު މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެންމެހާ ޤައުމުތަކާއި ގުޅިގެން ކަމަށާއި މި ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ކޮވިޑް 19 އިން އަރައިގަތުމަށްވެސް އެތައް ބައިވަރު އެހީއެއް ލިބެމުންދާ ކަމަށާއި އޭގެ އިތުރުންވެސް އިންސާނީ ވަޞީލަތް ގާއިމުކުރުމަށާއި މީހުން ބިނާކުރުމާއި އެކިއެކި ދާއިރާތަކުން ހުއްޓުމެއްނެތި ލިބެމުން އަންނަ އެހީތެރިކަމަކީ ރާއްޖެއަށް އެކަންކަމުން ގިނަގުނަ ފައިދާތައް ލިބެމުންދާ ކަމެއް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.