އިންޑިޔަން އައިޑަލްގެ ޖަޖް ނޭހާ ކައްކަރު އާއި އެކްޓަރު އަދި ލަވަ ކިޔުންތެރިޔާ؛ ރޯހަންޕްރީތް ސިންގްގެ އެންގޭޖްމަންޓް ވީޑިއޯ ކޮޅެއް ސަޕޯޓަރުންނާއި ހިއްސާކޮށްފި އެވެ.

ދެވަނަ އެންގޭޖްމަންޓް ހަފްލާކަމަށް ބުނެ ނޭހާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ވަރަށް ކުލަ ގަދަ ހަފްލާއެއްގެ ތެރޭގައި ދެ މީހުން ވަރަށް ސަގާފީކޮށް ޒީނަތްތެރިވެ ތިބެ ނަށާ ތަނެވެ.

ދެމީހުންގެ މިވީޑިއޯކޮޅު ފޭނުންނާ ހިއްސާ ކުރަމުން ނޭހާ ދީފައިވާ މެސެޖުގައި ބުނެފައިވަނީ މާދަމައަކީ ނޭހާ އާއި ރޯހަންޕްރީތް އެކުގައި ގެނެސްދޭ ލަވަ، "ނޭހޫ ދާ ވާ" ރިލީސް ކުރާ ދުވަސް ކަމަށެވެ.

ކެޕްޝަންގައި މިހެން ލިޔެފައި އޮތުމާއެކު ބައެއް މީހުން އަންނަނީ އެންގޭޖްމަންޓް ކަމަށް ބުނެ އެ ވީޑީއޯ އަކީ ލަވައިގެ ޕްރޮމޯޝަން ސަޓަންޓެއްތޯ ސުވާލު ކުރަމުން ނެވެ.

https://www.instagram.com/p/CGj5We8jL7C/?utm_source=ig_embed

ފޭނުން މިފަދައިން ސުވާލު އުފައްދާފައިވަނީ ދާދި ފަހުން އިންޑިއަން އައިޑަލްގެ ހޯސްޓާއި ވެސް ކައިވެނި ކުރަން އުޅޭކަމަށް ބުނެ އެއް މަސް ދުވަސް ވަންދެން އުޅުމަށްފަހު އެއީ ނޭހާ އާއި އޭނާގެ ބޭބެ ޓޯނީ ކައްކަރުގެ ލަވަ ޕްރޮމޯޓު ކުރުމަށް ހެދި ޕަބްލިސިޓީ ސްޓަންޓެއް ކަމުގައި ބުނުމުންނެވެ.

ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި އެކު ކުރިޔަށްގެންދިޔަ އެންގޭޖްމަންޓް ހަފުލާ އިންތިޒާމްކޮށްފައި ވަނީ ނޭހާގެ އާއިލާއިން ނެވެ. އެހެންކަމުން ނޭހާ ވަނީ އޭނާގެ މަންމަ އާއި ބައްޕައަށް މިފަދަ ފުރިހަމަ ހަފްލާއެއް ބާއްވަދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

ދާދި ފަހުން އިންޓަނެޓުގައި ލީކުވި ނޭހާގެ ކައިވެނީގެ ދައުވަތު ކާޑުން މައުލޫމާތު ލިބޭ ގޮތުގައި ނޭހާ އާއި ރޯހަން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގަ އެވެ.