ކުރީގެ ސަރުކާރުން މާލެގައި އިމާރާތް ކޮށްފައިވާ އެންމެ ބޮޑު މިސްކިތް ކިންގް ސަލްމާން މިކިސްތް ރަސްމީކޮށް ހުޅުވުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެ އެވެ.

ސައުދީގެ ނޫހަކަށް ދިން އިއްޓަވިއުއެއްގައި ހަލީލު ވިދާޅުވީ ސަލްމާން މިސްކިތުގެ މަސައްކަތް ނިމިފައިވާއިރު އެމިސްކިތް ހުޅުވަން ނިންމާފައި ވަނީ ވަލީ އަހުދު މުހައްމަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ.

ސަލްމާން މިސްކިތަކީ ރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭނެ ތަނެއް ކަމަށްވެސް ހަލީލު ވަނީ ވިދާޅޫވެފަ އެވެ.

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުމަށް ސައުދީ ސަރުކާރުގެ ވަފުދެއް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދުން ވަނީ އަންނަ އަހަރު ރޯދަ މަސް އައުމުގެ ކުރިން މިސްކިތް ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި އިމާރާތްކުރި

ސަލްމާން މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެ އެވެ.