ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު ސޮއިކޮށްފި އެވެ.
ސީއެންއެންއާއެކު ސޮއިކުރީ އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އޮފް ސޭލްސް އަބީޖީތް ދާރް އެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި މީގެކުރިން ވެސް ސީއެންއެންއާއެކު ވިޒިޓް މޯލްޑިވްސްއިން ހިންގި ކެމްޕެއިންތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނުކަން ފާހަގަކުރައްވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް ވަނީ މިފަހަރުގެ ޕާޓްނަޝިޕް މެދުވެރިކޮށް ވެސް ކާމިޔާބު ހަރަކާތްތަކެއް ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތައް ބިނާވެފައި ވަނީ، ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި، ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ކަމަށާއި، ސީއެންއެންއާއެކު ސޮއިކުރެވުނު މި މުއާހަދާއާއެކު އެމްއެމްޕީއާރުސީއިން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ތޮއްޔިބް ވަނީ ވިދާޅުވެފަ އެވެ.
މިމުއާހަދާގެ ވާހަކަ ދައްކަވަމުން ސީއެންއެންގެ ޑިރެކްޓަ އޮފް ސޭލްސް އަބީޖީތް ދާރް ވިދާޅުވާ ގޮތުގައި ރާއްޖޭއަކީ ފަތުރުވެރިންނަށް އެ މަންޒިލެއްގައި ގިނަ ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެކެވެ. އަދި ހިތްގައިމު އެތަށް މަންޒަރުތަކަކުން ގިނަ ވާހަކަތަކެއް ކިޔައިދޭނެ، ފަތުރުވެރިކަމުގެ ގޮތުން މުއްސަނދި ގައުމެއް ކަމަށް ވެސް އަބީޖީތް ދާރް ވިދާޅުވި އެވެ.
ހަމައެހެންމެ މި މުއާހަދާއާއިއެކު ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ސީއެންއެންގެ ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރެވެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މުއާހަދާގެ ދަށުން ކުރެވޭ މަސައްކަތްތައް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކަތައް ވެސް ސީއެންއެން ޓްރެވަލްގައި ދައްކައިދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.