ކ. ރަސްފަރި ފަރަށް ޕެނަމާގެ އާގު ބޯޓެއް އުރުނު މައްސަލައިގައި ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ނައީމް މިހެން ވިދާޅުވީ ޕެނަމާ ބޯޓު ރަސްފަރި ފަރަށް އެރުމާ ގުޅިގެން ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން "ހުރިހާ" އިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. މިގޮތުން ލިބުނު ގެއްލުމުގެ ބަދަލަށް 900 މިލިއަންގެ އިތުރުން މީގެ ކުރިން ދައްކަންޖެހޭ ޑިޕޮޒިޓް ރުފިޔާ ކަމަށްވާ 100 މިލިއަން ރުފިޔާ ވެސް ދައްކަން ޖެހޭނެ ކަމަށް އީޕީއޭއިން ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވެ އެވެ.

އެހެން ނަމަވެސް އެއީ ދޮގު ވާހަކަތަކެއްކަަން ފާހަގަކޮށް ނައީމް ވިދާޅުވީ ޕެނަމާގެ ބޯޓު ރަސްފަރިއަށް އެރުމާ ގުޅިގެން، ލިބިފައިވާ ގެއްލުންތަކަށް ޑިޕޮސިޓެއްގެ ގޮތުގައި ދައްކަން ބުނެފައި ވާނީ 100 މިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން އެ ބޯޓު ވީހާވެސް އަވަހަކަށް ފުރަން އީޕީއަށް އެދިފައިވާ ކަމަށާއި، އެހެންނަމަވެސް ޕެނަމާއަށް ފުރެން އޮތީ ޑިޕޮސިޓެއްގެ ގޮތުގައި ގެއްލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ހަމަޖެހިފައިވާ 100 މިލިއަން ރުފިޔާ ބެހެއްޓުމަށްފަހު ކަން އެބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

ހަމައެހެންމެ ލިބުނު ގެއްލުން އެސެސްކޮށްފައިވާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ ބޯޓު ރަސްފަރިއަށް އުރުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ގެއްލުމަށް ދައްކަންޖެހޭ ވަކި އަދަދެއް މިހާތަނަށް ކަނޑައެޅިފައިނުވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ބޯޓު ފަރަށް އުރުނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓް ވެގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާއިރު، ބޯޓު އުރުނު ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ. އަދި ބޯޓު އުރުނު މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.