އުތުރުރަށާއި މެދު ރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް ޑައިވާޓްކޮށް އަދި ބައެއް އެއާލައިންތަކުގެ ދަތުރުތައް ކެންސަލްކުރަން ފަށައިފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާއިރު، ގިނަ ރަށްތަކަށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެދި ޔެލޯ އަދި އޮރެންޖް އެލާޓް ނެރެފަ އެވެ.

މިގޮތުން ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށް މެޓްއިން ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރާކަމަށްވެސް މެޓުން ބުންޏެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.

ވައިގެ ދަތުރުރައް މޮނިޓާކުރާ އޭވިއޭޓާސް މޯލްޑިވްސްއިން ބުނިގޮތުގައި ވެލާނާ އެއާޕޯޓަށް ޖައްސަން އައި ޖަރުމަނުގެ ލުފްތަންސާ އެއާބަސް އޭ330 އާއި ރަޝިއާގެ އޭރޯފްލޮޓް އެއާބަސް އޭ350 އިން ވަނީ މިއަދު މޫސުން ގޯސްވުމާއި ގުޅިގެން ގޯރައުންޑެއް ހަދައިފަ އެވެ. އަދި މިއަދު ހެނދުނު ރާއްޖެއަށް ދަތުރުކުރި އެއާ ސީޝެއްލް އާއި އެމިރޭޓްސްގެ އިތުރުން ސަލާމްއެއާ އާއި ކޮންޑޯ އެއާލައިން އިންގެ ބޯޓުތައް މޫސުމް ގޯސްވުމުން ނުޖައްސައި މަޑުކުރިއިރު، ސްރީލަންކަން އިން ވަނީ އެނބުރި ކޮލަމްބޯއަށް ޑައިވާޓްކޮށްފަ އެވެ.