ޕާކިސްތާނަށް ނިސްބަތްވާ އަހްމަދު ޚާން ގަންދަލް 1983 ވަނަ އަހަރު އުމުރުން އެންމެ 23 އަހަރުގައި ސައޫދީ އަރަބިއާއަށް ދިޔައީ ކުރިއަށް އޮތް 40 އަހަރު އެ ގައުމުގައި ހޭދަކުރަން ވިސްނައިގެނެއް ނޫނެވެ. ވަޒީފާއެއްގެ ބޭނުމުގައި އުފަން ވަޒަން ދޫކޮށް ބީރައްޓެހި ގައުމަކަށް ދަތުރު ކުރީ ވީހާ ވެސް އަވަހަކަށް އެނބުރި މައިންބަފައިންގެ ކައިރިއަށް އައުމަށް ވައުދުވެފަ އެވެ.

މާތްވެގެންވާ ހަރަމް ފުޅަށް ޚިދުމަތް ކުރުމަކީ މުސްލިމަކަށް ލިބިގެންދާނެ އެންމެ ބޮޑު ޝަރަފެވެ. އެއީ އެ މިސްކިތުގެ ފޮޅާ ސާފުކުރާ މީހެއްގެ ގޮތުގައި ވިޔަސްމެ އެވެ. އެގޮތުގެ މަތިން 40 އަހަރު ފާއިތުވެ ދިޔަ ގޮތް އަހުމަދަށް ބުނަން ވެސް ނޭނގެ އެވެ.

އަހްމަދު ޚާން ގަންދަލް

އަހުމަދު ބުނި ގޮތުގައި ހަރަމްފުޅަށް ޚިދުމަތް ކޮށް، އެ މިސްކިތުގައި އަޅުކަންކުރަން ލިބުނު ފުރުސަތު ދޫކޮށް އެނބުރި ޕާކިސްތާނަށް ދާން އޭނާގެ ހިތް ނުޖެހުނީ އެވެ. އެއަށްވުރެ މާތްވެގެންވާ އެ މިސްކިތަށް ޚިދުމަތް ކޮށް އޭނާގެ ހެއްދެވި ފަރާތަށް ކުއްތަންވާން އެ ސައޫދީ އަރަބިއާގައި މަޑު ކުރަން ބޭނުންވީ އެވެ.

މިހާރު އުމުރުން 61 އަހަރުގެ އަހްމަދު އެންމެ ފުރަތަމަ މައްކާއަށް ދިއައީ ސައޫދީ އަރަބިއާގެ ކުރީގެ ރަސްގެފާނު ފަހްދު ބިން އަބްދުލް އަޒީޒުގެ ރަސްކަމުގަ އެވެ. އޭގެ ފަހުން ހަރަމްފުޅު ބޮޑު ކުރުމުގެ ދެ ޕްރޮޖެކްޓް ކުރިއަށް ދިޔައިރު ވެސް އަހްމަދު މަސައްކަތް ކުރަމުން ދިޔައީ ހަރަމްފުޅުގެ މަސައްކަތު މީހެއްގެ ގޮތުގަ އެވެ.

ހަރަމްފުޅުގެ ސާފުތާހިރުކަން ބަލަހައްޓާ ޑިޕާޓްމަންޓްގެ ސުޕަވައިޒަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ އަހްމަދު ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ތަފާތު މީހުންނާ ބައްދަލުވެ ތަފާތު ތަޖުރިބާތައް ކުރުމަކީ ވެސް ނަސީބުވެރިންނަށް ލިބޭ ފުރުސަތެއްކަން އޭނާ ފާހަގަ ކުރި އެވެ.

އަހްމަދުގެ ތިން ދަރިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު މަސައްކަތް ކުރަނީ ހަރަމްފުޅުގެ އިލެކްޓްރިކަލް ޑިޕާޓްމަންޓްގަ އެވެ. ދެން ތިބި ކުދިން ދިރިއުޅެނީ ޕާކިސްތާނުގަ އެވެ.

އަހްމަދުގެ އުއްމީދަކީ ހަރަމްފުޅަށް ހިދުމަތް ކުރުމުގައި ހުރެ އޭނާގެ އަޖަލު ޖެހި މައްކާގެ މާތްވެގެންވާ ބިމުގައި ފަސްލެވުމެވެ.