އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" އަންނަ އަހަރު އޭޕްރީލް 29 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭގެ ތިން ވަނަ ޑައިރެކްޝަން "މޭޑޭ" އަކީ އަމީތާބް ބައްޗަން މުހިއްމު ރޯލެއް ކުޅޭ ފިލްމެކެވެ. މިއީ ހަތް އަހަރު ފަހު އަމީތާބް އާއި އަޖޭ ދޭވްގަން އެކުގައި ފެނިގެންދާ ފިލްމެވެ.

އަޖޭ އާއި އަމީބާތުގެ އިތުރުން ރަކުލް ޕްރީތު ސިން މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އަޖޭ ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރާ ފިލްމެކެވެ. މިއީ އަޖޭގެ 2008 ގެ ފިލްމު "ޔޫ، މީ އޯރް ހަމް" އިން ޑައިރެކްޝަނަށް ނުކުތް ފަހުން އަމީތާބްގެ ފިލްމެއް އަޖޭ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރު ވެސްމެ އެވެ.

https://www.instagram.com/p/CUSEpWBoe5E/

"މޭޑޭ" ރިލީޒްކުރާ ތާރީހު އިއުލާންކުރަމުން އަޖޭ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ބުނެފައިވާ ގޮތަށް މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސިނަމާތަކުގައި ކަމަށެވެ. އެގޮތުން އަހަރުގެ އޮކްޓޯބަރު 22 ގައި ސިނަމާތައް ހުޅުވާއިރު މިފިލްމު ރިލީޒް ކުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭފްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށް ވެސް އަޖޭ ވަނީ ބުނެފަ އެވެ.

އޭވިއޭޝަން ތުރިލާގެ ވާހަކައާ ބެހޭގޮތުން މާގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައި ނުވި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި އަޖޭއާއި ރަކުލް ކުޅެނީ ޕައިލެޓުންގެ ބަ އެވެ. އަމީތާބް ކުޅެނީ ނެގެޓިވް ރޯލެއް ކަމަށް ވެސް ޚަބަރުތައް ބުނާއިރު، ފިލްމުގެ ވަރަށް މުހިންމު ރޯލަކުން ބޮމަން އިރާނީ އާއި އަންގިރާ ދާރް ވެސް ފެނިގެންދާނެ އެވެ.

އަޖޭގެ "މޭޑޭ" އަކީ ސަންދީޕް ކެވްލާނީ އާއި އާމިލް ކީޔަން ޚާންގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

https://www.instagram.com/p/CJ-4RWyJn_d/?utm_source=ig_embed&ig_rid=0125490f-a543-41fe-a951-73dc55043980

އަމީތާބް ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރާ އިރު އަޖޭ އާއި އަމީތާބް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި މޭޖާ ސާހަބް (1998)، ގަސަމް ހިންދުސްތާން ކީ (1999)، ހަމް ކިސީ ކޭ ކަމް ނެހީ (2002)، ކާކީ (2004) އަދި ސަތިއަގްރަހާ (2013) ހިމެނެ އެވެ.

”މޭޑޭ“ ގެ އިތުރުން އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އޮކްޓޯބަރު 22 ގައި ރިލީޒްކުރާ ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ"، ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއާވާޅީ"، އިންދުރަ ކުމާރްގެ "ތޭންކް ގޯޑް"، ތެލުގޫ ފިލްމު "އާރްއާރްއާރް" އަދި އަމިތު ޝަރްމާގެ "މައިދާން" ހިމެނެ އެވެ.

އަމިތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނަގްރަޖް މަންޖޫލޭގެ "ޖުންޑް"، އަޔާން މުކަރްޖީގެ "ބްރައްމަސްތުރަ" އަދި ވިކާސް ބޭލްގެ ”ގުޑްބާއި“ ހިމެނެ އެވެ.

https://www.instagram.com/p/CT_3lNLqThh/

ރަކުލް، އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުން ފިލްމު ހަދާ ދެކުނު ފިލްމް އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ މަޝްހޫރު ބަތަލާއެކެވެ. އެގޮތުން ދެކުނުން އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަނާ އެކު ބައިވެރިވާ "އިންޑިއަން 2" ފާހަގަކޮށްލެވެ އެވެ.