މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، ( މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ވައިޓު އެލާޓު ނެރެފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 12 އިން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް މެޓް އޮފީހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް ކުރާ ވިއްސާރައާއި ގުޅިގެން އިއްޔެ ވެސް މެޓުން ވަނީ 11 އަތޮޅަކަށް އޮރެންޖު އެލާޓް ނެރެފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި މޫސުން ގޯސްވުމުގެ ސަބަބުން ސަފާރީއެއް އަޑިއަށް ގޮސް، އެކަކު ވަނީ މަރުވެފަ އެވެ. އަދި ހަ މީހަކަށް ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ.