ދިވެހި ރެޕް ލަވަކިޔުންތެރިޔާ، މުހައްމަދު ޝިފާޒު (ތުއްތު) މިއަހަރު ކުރީކޮޅު ގެނެސްދިން ރެޕް އަލްބަމް "މީ މާލެ" ބައިސްކޯފަށް ލައިފި އެވެ.

ނުވަ ލަވައިގެ މި އަލްބަމަކީ، ދިހަ އަހަރުގެ މިޔުޒިކީ ތަޖުރިބާއާ އެކު ތުއްތު ކޮށްފައިވާ މަސައްކަތެކެވެ. މީގެ ކުރިން ލަވަފޮށީގައި މިލަވަތައް އަޑުއަހާލެވޭ ގޮތް ހަދާފައި ވާއިރު، މި މަސައްކަތް ވަނީ ގިނަ ބަޔަކު ބަލައިގަނެ، އެ ޕްލެޓްފޯމުގައި ރެޕް ލަވަތަކަށް އޮތް މަގުބޫލުކަން އިތުރުކޮށްދީފަ އެވެ.

ތުއްތުގެ އެންމެ ފުރަތަމަ އަލްބަމް "މީ މާލެ" އާއި ބެހޭ ގޮތުން އޭނާ ބުނެފައިވަނީ އެއީ ތިން މަސް ދުވަހުގެ މަސައްކަތެއް ކަމަށާއި އަލްބަމްގައި ހިމެނޭ ލަވަތައް ހާއްސަ ކުރެވިފައިވާނީ މާލޭގައި ހިނގާ އެކިއެކި ކަންކަމަށް ކަމަށެވެ. އެގޮތުން ކޮންމެ ލަވައެއްގައި ވެސް އިބްރަތްތެރި މެސެޖެއް ހިމަނާފައިވާކަން ފާހަަގަ ވެ އެވެ.

މިއަލްބަމްގެ ލަވަތަކުގައި ތުއްތު އާއެކު އެހެން އާޓިސްޓުން ވެސް ރެޕްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޔާނޯ، އަޒޫބެ، ވިއްޓެ، ޒާރާ، އައްކު، ޕެސްޓް، ޒަކިއްޓެ، ރައިޑޭ، ލިމިޓްސް އަދި ސޮއްޕެ އެވެ.

ދިވެހިންގެ މެދުގައި އާ ނަމަވެސް ރެޕް ލަވަތަކުގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ނެވެ. އަދި މިކަމަށް ޝައުގުވެރިވާ ހުނަރުވެރި ޒުވާނުން ދަނީ ލަވައިގެ ދުނިޔެއަށް ވަދެ ފައިތިލަ ސާބިތުކުރަމުން ނެވެ.