ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުން މަޖިލީހުގައި ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ހެއްކާއި ބެހޭ ބިލުގެ ބަހުސްގެ ތެރެއިން ޖާބިރު ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ފާޅުުކަން ބޮޑު ގޮތެއްގައި ގޮވާލައްވާފަ އެވެ.

ޖާބިރު ދެއްކެވި ވާހަކައިގައިގައި އޭނާ ވިދާޅުވީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަކީ އިސްލާމް ދީނާ ހިލާފުވާ ކަމަކަށް ނުވާކަމަށެވެ. މިގޮތުން އޭނާ ވަނީ މިކަމުގެ ހެއްކެއް ހުށަހެޅުމުގެ ގޮތުން ކީރިތި ގުރުއާނުގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރުވަނަ އާޔަތް ވިދާޅުވެފަ އެވެ.

އެއާޔަތުގެ މާނާއިގައިވަނީ "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ
ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު

އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި މެމްބަރު ޖާބިރު މިއަދު ދެއްކެވި ވާހަކަ ހުއްޓުވައި، އެއްވެސް މެމްބަރަކު އޭނާއާއި ދެކޮޅަށް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ޖާބިރުގެ ވާހަކަ ހުއްޓުވައި ނުވަތަ ދެކޮޅަށް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަވި އެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގައި މެމްބަރު ޖާބިރު މިއަދު ގޮވާލި ގޮވާލުމަށް އާންމުންގެ ގިނަ ބަޔަކު ދަނީ ޖާބިރު ކުށްވެރިކޮށް މަޖިލީހުގައި ކަން ހިންގައިދިޔަ ގޮތާމެދު ފާޑުކިޔަމުންނެވެ.