ހއ. ފިއްލަދޫގެ އިހްތިސޯސުން ދައްޕަރު ނެގުމާއި ގުޅިގެން ފެންމަތިވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާމެދު ގޮތެއް ނިންމަން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނު ނެރުއްވި ގަރާރަކުން، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ދައްޕަރު ހިމަނާފަ އެވެ. ނަމަވެސް އެއަށް ފަހު އެމަނިކުފާނު ނެރުއްވި ގަރާރުގައި އެ ބައި އުނިކުރުމުގެ އިތުރުން، ދައްޕަރު ވަނީ ފިއްލަދޫގެ އިހްތިސާސުން ބޭރުކޮށްފަ އެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ބޭރުކޮށްފައިވާއިރު، މިކަން ކޮށްފައި ވަނީ ފިއްލަދޫ ކައުންސިލާއި، އެރަށު ރައްޔިތުންނާ އެއްވެސް ވަރެއްގެ މަޝްވަރާއެއް ނުވަތަ ހިލަމެއް ނުވެކަން ފާހަގަކޮށް އެރަށުގެ ގިނަ ބަޔަކު ދަނީ މިކަމާ ހިންހަމަނުޖެހުން ފާޅުކޮށް އިއުތިޖާޖު ކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވަނީ ދައްޕަރުގެ މައްސަލާގައި ރައްޔިތުންގެ ވިސްނުމާއި ސަރުކާރުން ދެކޮޅު ނަހަދާނެ ކަމަށެވެ. އަދި މިހާރު އެކަމާ ގުޅޭގޮތުން ކައުންސިލާއި މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އޮފީހުން ވަނީ އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ފިއްލަދޫ ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި މި މައްސަލަ މިހާރު އޮތީ އިކޮނޮމިކް ކައުންސިލްގައި އެޖެންޑާކުރުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމާ މެދު ގޮތެއް މަހެއްހާ ދުވަސް ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ،" މަބްރޫކް ވިދާޅުވި އެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ފިއްލަދޫ ކައުންސިލާ ގުޅިގެން އެ ރަށު ރައްޔިތުން ވަނީ ރަށު ރައްޔިތުންގެ ސޮޔާއެކު ޕެޓިޝަނެއް ރައީސް ސޯލިހަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
މި ޕެޓިޝަންގައި އެ ރަށުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ މީހުންގެ ސޮއި ވެސް ހިމެނޭނެ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް "ސޭވް ދައްޕަރު"ގެ ނަމުގައި ގިނަ ބަޔަކު ދަނީ ދައްޕަރު އަލުން ފިއްލަދޫގެ އިހްތިސާސްގައި ހިމެނުމަށް އެދި ގޮވާލަމުންނެވެ.