އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނީ މިތަކެތި ނައްތާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައި ކަމަަށް ފުލުހުން ބުނެ އެވެ.

ފުލުހުން ނައްތާލާފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް ފަސް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ނިޔަލަށް ގއ. ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ. އަދި މީގެ ތެރޭގައި އެކި ބްރޭންޑްތަކުގެ 585 ބަނގުރާ ފުޅީގެ އިތުރުން 201 ބިއަރު ދަޅު ދަޅު ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިތަކެތި ނައްތާލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެއްޗާއި ބަނގުރާފަދަ ތަކެތި އާންމުކުރުން އިތުރުވެފައިވާއިރު، މިތަކެތި ނައްތާލުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި އެ އިދާރާއިން ނައްތާލެވޭނެ އެވެ.