ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމަށް އެދި މާލެ ސިޓީ ކައުންސިލުން ތިންވަނަ ފަހަރަށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި، ކުރެއްވި ޓުވީޓެއްގަ އެވެ. މިގޮތުން ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް މަހަކު ދައްކަން ޖެހޭ އަދަދު ބޮޑުވުމާ ގުޅިގެން، އެ އަދަދު 5،600 ރުފިޔާއަށް ކުޑަ ކޮށްދިނުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެ އަދަދު ކުޑަ ކޮށްދިނުމަށް އެދި ތިންވަނަ ފަހަރަށް ސިޓީ ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައިކަން މޭޔަރު ފާހަގަކުރައްވާފައިވާއިރު، އެ ސިޓީގައި ފިނިޝިން މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް ގުނަން ފަށާފައިވާއިރު، ފްލެޓަށް ކުލި ދައްކަން ފަށާނީ ޖެނުއަރީ މަހުން ފެށިގެންނެވެ.

ފްލެޓްތަކުގެ އަގު ބޮޑުކަން ފާހަގަކޮށް ފްލެޓު ލިބުނު ފަރާތްތަކުން ވަނީ އެ އަދަދު ކުޑަ ކޮށްދިނުމަށް އެދި މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން އެ މީހުން އެދިފައިވަނީ މަހަކު 5،000ރ. އަދި ސާވިސް ފީގެ ގޮތުގައި 600ރ. ނެގުމަށެވެ.