މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބް ރައީސް ކަމުގެ މަގާމަށް މޯލްޑިވްސް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް އިންތިހާބުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި އެމްއާރްއެމްގެ ނައިބު ރައީސްކަމުގެ މަގާމަށް ޝަޒައިލް، އިންތިހާބުވެވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާ ވާދަކުރައްވައިގެންނެވެ.

މިގޮތުން މި އިންތިހާބުގައި ވާދަކުރައްވައިގެން 44 ވޯޓު ޝިމާޒް އަށް ލިބިވަޑައިގެންފައިވާއިރު، ވޯޓުލި މީހުންގެ 58 އިންސައްތަ މީހުންގެ ވޯޓާއި އެކުގައި ޝިމާޒް ވަނީ 62 ވޯޓު ހޯއްދަވައި އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ.

ޕާޓީގެ ނައިބު ރައީސް ހޮވުމަށް އެޕާޓީން ބޭއްވި މިއިންތިހާބުގައި މުޅިއަކު 106 މީހަކު ވަނީ ވޯޓުލާފަ އެވެ.

އެމްއާރްއެމުން މިއަދު ކުރިއަށްދިޔަ ޕާޓީގެ ނެޝަނަލް ކޮންވެންޝަންގައި އެކްސްކޯ ކޮމިޓީގެ އިތުރުން ޕާޓީގެ މުހިއްމު މަގާމުތަކަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފަ އެވެ. އެގޮތުން މި އިންތިހާބުގައި އެ ޕާޓީގެ އަންހެން ނައިބް ރައީސްގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ނުލެއްވުމާއި ގުޅިގެން އެމަގާމަށް އާމިނަތު ނާދިރާ ވަނީ ހޮވިވަޑައިގެންފަ އެވެ.

ހަމައެހެންމެ ޕާޓީގެ ޒައީމްގެ މަގާމަށް ވެސް އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމާއި ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޮވިވަޑައިގެންފައިވާއިރު، ޕާޓީގެ ރައީސްކަމުގެ މަގާމަށް ވެސް ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވަނީ ހޮވިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ ކޮމިޓީއަށާއި ޒުވާނުންގެ ކައުންސިލަށްވެސް މިއަދުގެ އިންތިހާބުގައި މެމްބަރުން ހޮވާފައިވެ އެވެ.