ދިހަ އަހަރުގެ ކުދިން ވެސް މާލޭގެ ކަންމަތީގައި ގިނަވާން ފަށާފައިވާ ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިފާ މިހެން ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޒުވާނުންގެ މެދުގައި އޮންނަ "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވުމާއެކު އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ސިފާ ވިދާޅުވީ ދިހަ އަހަރުގެ ކުދިން ކަންމައްޗަށް ގިނަވާން ފަށައިފި ކަމަށާއި ވެހިކަލްތަކާއި ހިނގާ މީހުންނަށް އުނދަގޫވާ ވަރަށް މަގު އޮންނަނީ އޮލަވެފައި ކަމަށެވެ.

"ދިވެއްސެއް ބޭރު މީހެއް ނޭނގޭ. އެންމެން އުޅެނީ އެ ވިޔަފާރީގައި. ކަންބޮޑވުން އިންތިހާއަށް،" އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެ އަމާންކަމާއެކު ބޭއްވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ "ގޭންގް"ތަކުގެ މައްސަލަތައް ކަމަށެވެ. އެހެންކަމުން "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލްކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރަށް އައިސް ފާޅުގައި މަސްތުވާތަކެތި މާލެ ތެރޭގައި ވިއްކާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.