ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ފުރަތަމަ ޓީވީ ޝޯ ކަލާޒްގެ "ދަ ބިގް ޕިކްޗާ" މި މަހުގެ 16 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

ޝޯގެ ޕްރޮމޯތައް ދައްކާތާ މިހާރު ތިން މަހެއްހާ ދުވަސް ވެފައިވާއިރު ކަލާޒް ޓީވީއިން މިހާރު ދައްކާ ޕްރޮމޯގައި ބުނެފައިވަނީ ރަންވީރު ހުށަހަޅައިދޭ ޝޯ މިމަހުގެ 16 ވަނަ ދުވަހު ދައްކަން ފަށާނެ ކަމަށެވެ. މިކަން ރަންވީރު ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެގޮތުން ރަންވީރުގެ "ދަ ބިގް ޕިކްޗާ" ކަލާޒްއިން ދައްކާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި އެވެ.

"ދަ ބިގް ޕިކްޗާ" އަކީ ތަސްވީރު ދިމާކޮށްގެން ބޮޑެތި ފައިސާގެ އިނާމު ލިބޭ ކުއިޒް ޝޯއެކެވެ.

މިއީ ޓީވީ ޝޯއެއް ރަންވީރާ ކަޕޫރު ހޯސްޓް ކުރާ ފުރަތަމަ ފަހަރު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިޝޯ ވެގެންދާނީ ވަރަށް މަޖާ ޝޯއެއް ގޮތުގަ އެވެ. އެއީ ރަންވީރަކީ ސަކަ މިޒާޖެއްގެ މީހެއް ކަމުން ކުއިޒް ޝޯ ވެސް ރަންވީރުގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭނެކަމުގެ އުންމީދު ކުރެވޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CUhLsJzI52t/

ރަންވީރުގެ ދެ ފިލްމެއް ރިލީޒް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ ޑިސެމްބަރު 24 ގައި ރިލީޒްވާނެ ކަމަށް އުއްމީދު ކުރާ ކްރިކެޓް ފިލްމު "83" އާއި ފެބްރުއަރީ 25 އަށް ތާވަލުކޮށްފައި އޮތް ސޯޝަލް ކޮމެޑީ "ޖަޔޭޝްބާއީ ޖޯރުދާރެ"އެވެ.

ރަންވީރު މިހާރު އަންނަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ މަސައްކަތް ވެސް ކުރަމުންނެވެ.