ސްޓޮކްހޯމް (04 އޮކްޓޯބަރު) - 2007 ވަނަ އަހަރު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރެހި ކާޓޫނުތަކާއެކު ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑަންގެ މަޝްހޫރު ކާޓޫނިސްޓް ލާސް ވިލްކްސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

2007 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިމާޔަތުގައި ދިރިއުޅެމުން އަންނަ އުމުރުން 75 އަހަރުގެ ވިލްކްސް މަރުވީ އޭނާ ދަތުރު ކުރަމުންދިޔަ ޕޮލިސް ކާރު ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސްވިޑަންގެ އުތުރުގެ ރަށެއް ކަމަށްވާ މާކަރީދްގައި އިއްޔެގެ ވަގުތެއްގަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެ ސަރަހައްދުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަމުގެ އެންމެ ފުނަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުންތަކުން މި އެކްސިޑެންޓަކީ ރޭވުމެއް ކަމަށް ޝައްކު ނުކުރެވޭ ކަމަށް އެބަޔާނުގައިވެ އެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫންތައް އާއްމު ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އެއާއެކު އޭނާގެ ގެއަށް ވެސް ވަނީ ބޮމުގެ ހަމަލާއެއް އަމާޒުވެފަ އެވެ.

އޭނާގެ ކުރެހުންތަކުން ދުނިޔޭގެ އެންމެހާ މުސްލިމުންގެ ލޭ ކައްކުވާލި އިރު ވިލްކްސް ބުނީ އެކުރެހުންތަކަކީ އެއްވެސް ދީނީ ޖަމާއަތަކަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ ދުނިޔޭގެ ކަން ހިނގަމުންދާ ގޮތް ރަނގަޅު ކުރަން ކުރި ކަމެއް ކަމަށެވެ.

ވިލްކްސްއަކީ ދުނިޔޭގެ ފެންވަރުގެ ޓާގެޓަކަށް ވީއިރު އޭނާ މަރާލި މީހަކަށް ބޮޑު އިނާމެއް ވެސް ވަނީ ހުށައަޅައިފަ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް