ހއ. ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރި ދައްޕަރު އަލުން ހިމަނައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ދަށުން ނެގި މައްސަލައިގައި ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފިއްލަދޫ ރައްޔިތުން އެ މައްސަލައިގައި ދެކޭ ގޮތް މިއަދު އޮތް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އޮޅުން ފިލުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައްޕަރުގެ މައްސަލައާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާތައް ކުރިޔަށް ގެންދެވި، ފިއްލަދޫ ރައްޔިތުން މިކަމާ މެދު ދެކޭ ގޮތުން މިއަދުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވުނު. ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފައި،" މަބްރޫކް ވިދާޅުވި އެވެ.
ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ދަށުން ނަގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ އާންމުކުރެއްވި ގަރާރެއްގަ އެވެ. އެ ގަރާރާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް "ސޭވް ދައްޕަރު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ހިންގި އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްޕަރު ތަރައްގީކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ދައްޕަރު އަލުން އަނބުރާ ހޯދުމުގެ ގޮތުން ފިއްލަދޫ ރައްޔިތުން އިސްވެ ވަނީ "ސޭވް ދައްޕަރު" ނަމުގައި ޕެޓިޝަނެއް އުފައްދައިފައެވެ. އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.