މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، ( މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ވައިޓު އެލާޓު ނެރެފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ފަތިހު 5 އިން ފެށިގެން ހެނދުނު 11 ޖެހުމާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން ބުނީ އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.

އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓްއިން ވަނީ ރޭގެ ވަގުތުތަކުގައި ވެސް ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން ރޭގަނޑު 11 އިން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަށް އެއަތޮޅުތަކަށް މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވެ އެވެ.